ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު މެދުކަނޑައިލުމާ އެކު، ޣައްޒާގެ ބޭންކުތައް އަލުން ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
ނަމަވެސް، ބޭންކުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ސަބަބަކީ، ޢާންމުންނަށް ދޫކުރާނެ ފައިސާ ނުވަތަ ނޫޓު ބޭންކުތަކުގައި ނެތުމެވެ.
ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާ ނެތުމުން، ޤަތުލުޢާންމަށް ފަހު ވެސް ޣައްޒާގެ ރައްޔިތުންގެ ނިކަމެތި ހާލަތަށް ތަސައްލީއެއް ލިބިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދެ އަހަރަށް ދެމިގެން ދިޔަ ޤަތުލުޢާންމުގައި ޔަހޫދީ ފައުޖުން ބޮންއަޅައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ބޭންކުތައް ވެސް ހިމެނެއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލިތާ ދެ ހަފުތާ ފަހުން، އޮކްޓޫބަރު 16ގައި މި ވަގުތު ކޮޅަށް ހުރި މަދު ބޭންކުތައް ވަނީ ހުޅުވާފައެވެ. އަދި، ބައެއް ޚިދުމަތްތައް ދޭން ފަށާފައެވެ. ނަމަވެސް، އެ ތަންތަނުގައި ދެމިފައި އޮތް ބޮޑެތި ކިޔޫތަކުގައި އެތަކެއް ގަޑިއިރަކު މަޑުކުރުމަށް ފަހު ޣައްޒާގެ ޢާންމުން އެނބުރި ގެއަށް އެނބުރި ދަނީ ހުސްއަތާއެވެ.
ޣައްޒާގައި ދިރިއުޅޭ ހަ ކުދިންގެ ބަފައެއް ކަމުގައިވާ 61 އަހަރުގެ ވާއިލް އަބޫ ފާރިސް ބުނި ގޮތުގައި، ބޭންކުތަކުގައި ލިކުއިޑިޓީއެއް، އެއްވެސް ފައިސާގެ ނޫޓެއް ނެތް ކަމަށާއި ހަމައެކަނި ދޭ ޚިދުމަތަކީ ކަރުދާހުގައި ހިންގާ މުޢާމަލާތު ތަކެވެ.
ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ބޭނުންވާނެއެވެ. ކާބޯތަކެތި ގަތުމާއި، ކަރަންޓާއި ނަރުދަނާ ފަދަ ޚިދުމަތްތަކަށް ފައިސާއިން އަގު ދައްކަން ޖެހެއެވެ. ނަމަވެސް، އެއްވެސް ފައިސާއެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ.
ޔަހޫދީންގެ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގައިވެން އޮކްޓޫބަރު 10ވަނަ ދުވަހު އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާއަށް ފައިސާ އެތެރެ ކުރުމާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައެއް ނެތެވެ. އަދި، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން އަދިވެސް ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
ޣައްޒާގެ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ މުޙައްމަދު އަބޫ ޖައްޔަބް ވިދާޅުވީ، ބޭންކުތައް ހުޅުވައިފި، އެއަރ ކޮންޑިޝަންތައް ޖައްސައިފި، ނަަމަވެސް ހަމައެކަނި ފޯރުކޮށްދެމުން ދަނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް އެކަނި، ފައިސާ ޖަމައެއް ނުކުރެވޭ، އެއްވެސް ފައިސާއެއް ނުނެގޭ ކަމަށެވެ. އަދި، މި ކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ގާތަށް ފައިސާ ހޯދަން ދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، އެ މީހުން (ވިޔަފާރިވެރިން) ބައެއް ފަހަރު %20 އަދި %40ގެ ބޮޑު ފީއެއް ނަގަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ހަތް ކުދިންގެ މަޔެއް ކަމުގައިވާ އީމާން އަލް-ޖަޢުބަރީ ބުނި ގޮތުގައި، ޤަތުލުޢާންމުގެ ކުރިން ބޭންކުތަކުން އެންމެ ގަޑިއިރެއްގެ ތެރޭގައި ޚިދުމަތް ހޯދޭ ކަމުގައެވެ. ނަމަވެސް، މިހާރު ޚިދުމަތް ލިބެނީ ދޭއް ނުވަތަ ތިން ދުވަހު ބޭންކަށް ގޮސްގެން، ބޭންކުގައި މުޅި އުމުރު ހޭދަކޮށްގެން ކަމަށާއި، އެއިރުން ވެސް ލިބެނީ އެންމެ 125 ޑޮލަރު ނުވަތަ 153 ޑޮލަރަށްވާ ފައިސާ ކަމުގައި އޭނާ ބުންޏެވެ.
މިއީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ކާބޯތަކެތި ގަތުމަށް ވަރަށް ކުޑަ މިންވަރެކެވެ.




