ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ”ޖެނަރޭޝަނަލް ބޭން“ އާ ގުޅިގެން ބޭއްވި ޚާއްސަ ޓެލެތޯން ރޭގައި ނިންމާލައިފިއެވެ.
މި ޓެލެތޯނަކީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން، މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެތީ އެކަމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު 4:00 ގައި ފެށި މި ޓެލެތޯން ނިންމާލާފައިވަނީ ރޭ ދަންވަރު 00:00 ގައެވެ.
މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައް ގެނެސްދިނުމުގެ އިތުރުން ތަފާތު ބައިތައް މި ޓެލެތޯންގައި ގެނެސްދީފައިވެއެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދިޔަ ދުވުން ނިންމާލި އިރު، ޖުމްލަ 8959 މީހުން ބައިވެރިވެ، ދުވެފައިވެއެވެ. މި ހަރަކާތުގައި 110 އަަކަށްވުރެ ގިނަ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން އަދި 10 މީޑިއާ ޖެނެލާއި، 216 ސްކޫލަކުންނާއި، 65 ރަށަކުން ދުވުމުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން 188 ރަށަކުން ވީޑިއޯއާއި، 150 އަށްވުރެ ގިނަ މީހުންގެ އަޑު ޓެލެތޯންގައި ގެނެސްދެވިފައިވެއެވެ.



