މިދިޔަ މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 17ގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަނެއްގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި އެކަކީ ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު އެވެ.
މީގެ ތިން ހަފްތާ ކުރިން ހިންގި މި އޮޕަރޭޝަންގެ ތަފްސީލު ފުލުހުން މީގެ ކުރިން އިސްވެ ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް މި އޮޕަރޭޝަންގެ ތެރެއިން ފުލުހަކު ހައްޔަރު ކުރިކަން އިއްޔެ ސޯޝަލް މީޑީއާގައި ވަނީ ފެންމަތިވެފައެވެ.
އެކަން ސޯޝަލް މީޑިއާގައި ހާމަވުމުން މިއަދު ބައެއް މީޑިއާތަކުން ސުވާލު ކުރުމުން ފުލުހުން ވަނީ އެ އޮޕަރޭޝަންގައި ފުލުހަކު ހައްޔަރުކޮށް މިހާރު ސަސްޕެންޑު ކޮށްފައިވާކަމަށް ބުނެފައެވެ.
އެގޮތުން ފުލުހުން ބުނީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނާއި ތިން އަންހެނުން ކަމަށެވެ.
އެއީ:
° 20 އަހަރުގެ އަންހެނަކާއި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނެއް، އަދި
° 23 އަހަރުގެ ތިން ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް
ފުލުހުން ބުނި ގޮތުގައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައި ފާސް ކުރި އިރު އެ މީހުން ތިބި ތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅި އާއި ތައްޓެއް ފެނުނު މައްސަލައިގައެވެ.
ނަމަވެސް އެމީހުން މިހާރު ވަނީ ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފަ ކަމަށާއި އެމީހުންގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުން ހައްޔަރު ކުރި ފުލުސް އޮފިސަރު މާޔާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ މައްސަލަ ފުލުހުންގެ ޕޮރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



