އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާންމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަަކަށް ފަހު، ޣައްޒާގެ ކުދިން އަލުން ސްކޫލްތަކަށް ކިޔަވަން ދާން ފަށައިފިއެވެ.
ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ، ދެ އަހަރަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ޣައްޒާގެ ބައެއް ސްކޫލްތައް އަލުން ހުޅުވަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޣައްޒާގެ ހުޅަނގު އައްސޭރިފަށުގައި ހުންނަ އަލް ހައްސާނާ ސްކޫލުގައި ކްލާސްރޫމްތައް މަދުވެފައި ވީނަމަވެސް އެތަނުގައި އަލުން ކިޔަވައިދޭން ވަނީ ފަށައިފައެވެ.
މި ސްކޫލަކީ އިޒްރޭލުން ޣައްޒާގައި ހިންގި ގަތުލުއާންމުގައި ގެދޮރު ގެއްލިފައިވާ އެތައް އާއިލާއަކަށް ހިޔާވަހިކަން ފޯރުކޮށްދިން ތަނެކެވެ.
ފަލަސްތީނުގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގާ ދީރް އަލް ބާލާ ޖޮއިންޓް އެލިމެންޓަރީ ސްކޫލްގައި ކިޔަވަމުން އަންނަ ފަލަސްތީނުގެ ޒުވާން ދަރިވަރެއް ކަމަށްވާ ޝާމް އަލް އަބްދު ބުނީ، މިހާރު ބޭނުންވަނީ ނޯޓްފޮތްތަކާއި ފޮތްތަކާއި ގަލަން އަދި ދިރިއުޅުން އަލުން އިޢާދަ ކުރަން ކަމަށެވެ.
ކިޔެވުމަށް އެނބުރި ދިޔަ ކުދިންގެ ތެރޭގައި ހިމެނޭ ޣައްޒާއަށް ނިސްބަތްވާ އުމުރުން 11 އަހަރުގެ ވާޑާ ރަދްވާން ބުނީ، އޭނާ އަށް އެނބުރި ކިޔަވަން ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އޭނާ އޭއެފްޕީ ނިއުސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، މިހާރު ގްރޭޑް ހައެއްގައި ކިޔަވަމުން އަންނައިރު ގެދޮރު ގެއްލި ހަނގުރާމައިގެ ސަބަބުން ދެ އަހަރު ކިޔެވުން ގެއްލިފައިވާ ކަމަށެވެ.
ސްކޫލަށް އެނބުރި ދިޔަ ކުދިންގެ ތެރެއިން އެކަކުގެ އާއިލާ މީހެއް ކަމަށްވާ ޖެނިން އަބޫ ޖަރާދު ބުނީ، އެ ކުދިން ސްކޫލަށް އެނބުރި އައިސް ކްލާސްތަކުން ފެނުމުން ޝުކުރު ވެރިވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުދިންނަށް ސްކޫލެއް ނެތް ކަމަށާއި، މި މުއްދަތުގައި އެކުދިންނަށް ކުރެވުނީ ފެން އެއްކުރުމާއި، ކާބޯތަކެތި އެއްކުރުން ނުވަތަ މަގުމަތީގައި ކުޅެލުން ކަމަށެވެ.



