ތުރުކީވިލާތުގެ ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ހޮޓެލްގެ ވެރިފަރާތާއި އިތުރު 10 މީހުން އުމުރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ތުރުކީގެ ރަސްމީ އަނަޑޯލޫ އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، މި ހުކުމް އިއްވާފައި ވަނީ ސްކީ ރިސޯޓެއްގައި ހުންނަ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި އިހުމާލުތަކެއް ހުރިކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ.
މި ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ބޯލޫ ޕްރޮވިންސްގެ ކާޓަލްކަޔާ ސްކީ ރިސޯޓުގައި ހުންނަ 12 ބުރީގެ ގްރޭންޑް ކާޓަލް ހޮޓަލުގައެވެ. މި އަލިފާނުގެ ހާދިސާގައި 78 މީހުން މަރުވެ، 133 މީހުން ޒަޚަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ 34 ކުޑަކުދިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމްކުރި މީހުންގެ ތެރޭގައި ހޮޓަލުގެ ވެރިޔާ ހަލިތު އެރްގުލް އާއި އޭނާގެ އަންހެނުންނާއި ދެ އަންހެން ދަރިން ހިމެނެއެވެ. މީގެ އިތުރުން ހޮޓަލުގެ މެނޭޖަރުންނާއި، ސަރަހައްދީ ޑެޕިއުޓީ މޭޔަރު އަދި ޑެޕިއުޓީ ފަޔާ ޗީފްގެ މައްޗަށް ވެސް ވަނީ އިހުމާލުވުމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މި ހުކުމް އިއްވުމާ އެކު ކޯޓު ރޫމުގައި މަރުހަބާ ކިޔަމުން ދިޔަ އިރު، ހާދިސާގައި ގެއްލުންވި އާއިލާތަކުން ވަނީ މި ހުކުމަށް ތައުރީފުކޮށްފައެވެ. ނަމަވެސް، މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.
ދައުވާގައިވާ ގޮތުން އަލިފާންގަނޑު ރޯވީ މެންދަމު 3:17 ހާއިރު އިލެކްޓްރިކް ގްރިލްއަކުން ސްޕާކެއް ޖަހައިގެން ކުނި ކޮތަޅެއްގައި އަލިފާން ރޯވެ، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ހޯސްއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.
އަލިފާންގަނޑު ރޯވިތާ ހަތް މިނެޓް ފަހުން ސްޓާފުންނަށް ފާހަގަ ކުރެވުނު ނަމަވެސް، ހުޅުވާފައި ހުރި ދޮރެއްގެ ސަބަބުން އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ކޮންޓްރޯލުން ނެއްޓި، ލަކުޑި ސީލިންގުގެ ތެރެއަށް ވަދެފައެވެ.
މި ހާދިސާގައި އެތައް ބަޔަކު މަރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުން ބޭރުކުރާ ނިޒާމް ނެތުމާއި، އަލިފާން އެލާމްތައް ރަނގަޅަށް މަސައްކަތް ނުކުރުމާއި، މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ނުދިނުން ހިމެނެއެވެ. މީގެ އިތުރުން، ސްޕްރިންކްލަރ ސިސްޓަމްތައް ނެތުމުގެ ސަބަބުން މަތީ ބުރިތަކުގައި ދުން ފުރިގެން ދިޔައެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޑިތަކާއި ލިފްޓް ޝަފްޓްތައް ޗިމްނީއެއް ފަދައިން މަސައްކަތްކުރިއިރު، ކުއްލި ހާލަތުގައި ލައިޓިން އާއި ސައިނޭޖް އަދި ބަދަލު އެގްޒިޓްތައް ނެތުމުގެ ސަބަބުން ހޮޓަލުގެ 238 މެހެމާނުން ރައްކާތެރިކަމާއެކު ނެރުމަށް ހުރަސް އެޅުނެވެ.
1999 ވަނަ އަހަރު ހުޅުވުނު މި ހޮޓަލަކީ 2007 ވަނަ އަހަރުން ފެށިގެން އެރްގުލްގެ ކުންފުނިން ހިންގަމުން އަންނަ ތަނެކެވެ.




