ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު، އެއްބަސްވެފައިވާ ގޮތާ ޚިލާފަށް، ޔަހޫދީން ދެމުން ނުދާ ކަން ޣައްޒާގެ އިދާރާތަކުން ހާމަކޮށްފިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10 ވަނަ ދުވަހު ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެހީ ވައްދަން ދޭންޖެހޭ ފުރުސަތު ޔަހޫދީން ދަނީ ދެމުން ނުދާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ.
ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރި ގޮތުގައި، އޮކްޓޫބަރު 10 އާއި 31 އާ ދެމެދު އެ ސަހަރަށް އެތެރެ ކޮށްފައި ވަނީ އެންމެ 3,203 ލޮރީގެ މުދަލެވެ. އެއީ، ދުވާލެއްގެ މައްޗަށް އެންމެ 145 ލޮރީގެ ކާބޯތަކެއްޗާއި އިންސާނީ އެހީއެވެ. ޙަމާސާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ވެސް 600 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދޭން ޖެހޭނެއެވެ. ނަމަވެސް، އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅައި، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
ޣައްޒާގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އެހީއާއި ވިޔަފާރި މުދާ ބަރުކޮށްފައިވާ ލޮރީތައް ޣައްޒާއަށް އެތެރެ ކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުން ކުރިމަތި ކުރަމުންދާ ހުރަސްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޣައްޒާގައި ތިބި 2.4 މިލިޔަނެއްހާ މީހުންގެ އިންސާނީ ޙާލަތު ގޯސްވަމުންދާ ދިޔުމުގެ ފުރިހަމަ ޒިންމާ ޔަހޫދީން އުފުލަން ޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން ކަމަށް ވާތީ، ޣައްޒާގެ މީޑިއާ އޮފީހުން ވަނީ އެއްބަސްވުމުގައި މެދުވެރިންގެ ދައުރު އަދާ ކުރި ޤައުމުތަކާއި ޓްރަމްޕަށް ވެސް ފިއްތުންތައް ކުރިމަތި ކުރުމަށް ގޮވައިލާފައެވެ.
މި މައްސަލައާ ގުޅިގެން އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ތަރުޖަމާނު ފަރްޙާން ޙައްޤު ވިދާޅުވީ، ޣައްޒާއަށް އެހީ ވެއްދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ހުޅުވައިލުމަށް ޔަހޫދީން އިންކާރު ކުރަމުން ދިޔުން ކަމުގައެވެ.
”މި ވަގުތު އެހީގެ ސާމާނު އެތެރެ ކުރަން ޖެހެނީ މިޞްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ފިލަޑެލްފީ ކޮރިޑޯއިން، އެއަށް ފަހު ލޮރީތައް ދަތުރު ކުރަން ޖެހެނީ ސުންނާފަތި ކޮށްލާފައިވާ ހަނި މަގަކުން. ޣައްޒާއަށް އެހީ ވެއްދުމަށް އިތުރު މަގުތައް ހުޅުވައިލަން ޖެހޭ،“ އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދިޔަ ނިރުބަވެރި ޙަމަލާތައް ވެސް އިތުރު ކުރަމުންނެވެ. މި ގޮތުން، ނޮވެންބަރު 1 ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް، ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ބޮންއަޅާފައެވެ. އަދި، ޣައްޒާގެ އިރުމަތީގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޙަމަލާދީ، ޢާންމުން ދިރިއުޅެމުން ދިޔަ އިމާރާތްތަކެއް ސުންނާފަތި ކޮށްލާފައި ވެއެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމުން ވަނީ ޝަހީދުވެފައެވެ.



