މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާސްތެރީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން މި ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ފޮނުއްވަމުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.
”މިފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަމުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރަން“ ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް މިއަދު ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި ސިފައިން އެއް ޖަމާއަތެއްގައި ކުރި ފަތިސް ނަމާދުންނެވެ. އެ ނަމާދުގައި ރައީސް މުޢިއްޒު އާއި ދައުލަތު އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
އެއަށްފަހު ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުވެސް ބާއްވައިފިއެވެ. އެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.




