އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް އިއްޔެ ބަންޑުންޖަހާލި ހާދިސާގައި، ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ދިވެހި ޒުވާނާ ވެސް ރޭގައި ނިޔާވެއްޖެއެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ވެގެން ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ / އަލީ އަފްލާހް އަބްދުﷲ (25އ.) އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައިދިން ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކަރެއްގެ ބެލެންސް ގެއްލިގެންނެވެ.
މި ހާދިސާގައި އަފްލާހްގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ އެމްޕީއެލްގެ އެހެން މުވައްޒަފެއް ކަމަށްވާ، އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން ވެސް ވަނީ އިއްޔެ ނިޔާވެފައެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އެ އެންމެން ސަލާމަތްކުރި ނަމަވެސް ހަ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. އަނިޔާވި މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.




