ނޮވެމްބަރު 3ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަށް މިއަދު އަރުވައިފިއެވެ.
ރާއްޖޭގައި ދިގު 30 އަހަރު ދުވަހު ޚިދުމަތް ކުރެއްވި ރައީސް މައުމޫންއަށް ޚާއްސަ އައްޑަނަ އެރުވީ ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނޮވެމްބަރ 3، 1988 ވަނަ އަހަރު ދިވެހީންގެ ޚާއިނުންތަކަކާއި ތަމަޅަ ޓައިގަރުންގެ ނިރުބަވެރިން އެ ޢުދުވާނީ ހަމަލާތައް ދިންއިރު، ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެ ހަމަލާއަކީ އެމަނިކުފާނު ގަތުރުކުރެއްވުމަށާއި ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ނިރުބަވެރިން ރާވައިގެން ދިން ހަމަލާއެކެވެ.
ރައީސް މައުމޫނަށް މި އައްޑަނަ އެރުވުމަށް ރައީސް ނިންމެވީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
އިހުގެ ދިވެހީން ”ބަޑި ބުރާސްފަތި“ ގެ ގޮތުން ސުފަ ކޮށްފައިވާ 1988ގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ޝަހީދު ވެފައިވަނީ ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ބޭފުޅެކެވެ.



