އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެ އިތުބާރު ނެތްކަން ހާމަކުރުމަށް ފޭދޫ ރައްޔިތުން އިއްޔެ ސޮއިކުރަން ފަށާފައިވާ ޕެޓިޝަނުން ފަޟީހަތްވާނީ ހަސަދަވެރިން ކަމުގައި މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވީ މެންބަރު އައިބީގެ އިތުބާރު ނެތްކަން ހާމަކުރުމަށް ފޭދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕެޓިޝަންގައި ސޮއިކުރަން ފެށީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އާންމުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނުމުން އުފާ ފާޅުކުރަން އިއްޔެ ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހުގައެވެ.
އެގޮތުން މެންބަރު އައިބީގެ އިތުބާރު ގެއްލިފައިވަނީ، ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް މަސައްކަތް ކުރުމުންނާއި ފޭދޫގެ ތަރައްޤީއަށް ހުރަސް އަޅަމުންދާތީ ކަމުގައި، އެރަށުގެ ބައެއް މީހުން ބުނެފައިވެއެވެ.
މިކަމާ ބެހޭގޮތުން ރުކުމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕެޓިޝަނުން ފަޟީޙަތްވާނީ ހަސަދަވެރިން ކަމަށާއި މެންބަރު އައިބީގެ ތާއީދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ.
”އައިބީ އަކީ ރައްޔިތުންދެކެ ލޯބިވާ އޯގާތެރި އަދި ރައްޔިތުންގެ ތަރައްޤީއާ ލާބައައް ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ހީވާގި މެންބަރެއް. 18 ވަނަ މަޖިލީހުގައި އަޅުގަނޑުގެ އަޙް އައިބީ ވަނީ ރައްޔިތުންނަށް ބަހާއި އަމަލުން މިކަން ސާބިތުކޮށްދެއްވާފަ. ފޭދޫގެ ތަރައްޤީ ފެށުނީވެސް އަދި ފުރިހަމަވާނީވެސް އައިބީގެ ދައުރުގައި“ ރުކުމާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރުކުމާ ވިދާޅުވީ އެ ޕެޓިޝަންގައި ވަގު ސޮއިކޮށްގެން މެނުވީ %10 ސޮއި ހަމަވާނެކަމަށްވެސް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ.




