މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ.
މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ހުޅުދުއްފާރު / ލޫނާ، އަޙްމަދު ނިހާން (23އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) އާއި، ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) އާއި، ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުޙައްމަދު (32އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) އާއި، ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް ޢާދިލް (38އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އަޙްމަދު ވިޝާމް (41އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ޙުސައިން ސަރްޙާން (30އ) އެވެ.

ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން އާއި، އިބްރާހީމް ޢާދިލް، އާދަމް ނަސީމް އަދި އިބްރާހީމް ރިޝާމް، 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަމީނާ މުޙައްމަދު އާއި، އައްޔޫބު އާދަމް، ފަރީޙާ ބިންތި ޢަލީ ވަޙީދު އާއި އަޙްމަދު ވިޝާމް އަދި ޙުސައިން ސަރްޙާން، 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




