އަފްގާނިސްތާނަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ.
ރިކްޓާ މިންގަނޑުން 6.3 ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަފްގާނިސްތާންގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަޒާރޭ ޝަރީފް ކައިރިއަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތާލިބާން ސަރުކާރުގެ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތަކަށް ބަލާއިރު، މި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު 530 އަށް ވުރެ ގިނައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމާއި، ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި މަސައްކަތުގައި ގިނަ އަދަދެއްގެ ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ބިންހެލުމުގެ ސަބަބުން އަފްގާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓްގެ މައްސަލަތައް ވެސް ދިމާވެފަ އެވެ. މީގެ ސަބަބުން ސަލާމަތީ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަފްގާނިސްތާނަކީ ބިންހެލުންތައް ގިނައިން އަންނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ރިކްޓާ މިންގަނޑުން 6.0 ބާރުމިނުގައި އައި ބިންހެލުމެއްގައި 800 އެއްހާ މީހުން މަރުވެ، 2،800 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.



