ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިސްލާހު ގެންނަވައިފިއެވެ.
ރައީސްގެ ޤަރާރު އިސްލާހު ކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި މިދިޔަ މަހުގެ 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ހުޅުދޫއަށް ޚާއްސަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އެ ރަށުގެ ރައްޔިތުން ނިންމާފައިވާތީ އާއި، އައްޑުއަތޮޅު މީދޫއަށް ޚާއްސަކޮށްގެން މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އެ ރަށުގެ ރައްޔިތުން ނިންމާފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އަމަލުކުރެއްވުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހުކުރައްވައި އިއްޔެ ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމުގައި ކަނޑައަޅައި، ”އައްޑޫ ސިޓީ“ ގައި ހިމެނޭނީ އައްޑުއަތޮޅު ”ހިތަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫފޭދޫ“ އާއި، އައްޑުއަތޮޅު ”ފޭދޫ“ ކަމަށާއި، ”އައްޑޫ“ ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް ”ހުޅުދޫ“ އާއި ”މީދޫ“ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިސްލާހާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ. އަދި ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.




