ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެ ކުންފުނިން ނިންމައިފިއެވެ.
އެފްއެސްއެމްއިން ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި ބާޖުތަކުގައި މަސައްކަތް ކުރާ މީހުން މުސާރައާއި ނުބައްދަލު އެތައް ނުހައްގު މުއްސަނދި ކަމެއް ހޯދާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަތައް އިތުރުވެފައިވާތީ މިފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ މޮޑަމްއެއް ވެސް ހަރުކުރާނެކަމަށް އާޝާން ވިދާޅުވިއެވެ.



