ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަށް މައްސަލައެއް ދިމާވެ ދަތުރުތަކަށް ބުރޫއަރައިފިއެވެ.
އިންޑިއާގެ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ބުނީ، މަތިންދާބޯޓުތަކާ މުއާޞަލާތު ކުރުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން 200އަށް ވުރެ ގިނަ މަތިންދާބޯޓު ފުރުން ލަސްވެފައިވާ ކަމަށެވެ.
އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ހާމަކުރެއްވި ގޮތުގައި، މުއާޞަލާތީ ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން، އެއަރ ޓްރެފިކް ކޮންޓްރޯލަރުން (އޭޓީސީ) އަށް ޖެހުނީ މަތިންދާބޯޓުތައް ފުރުމާއި ޖެއްސުމުގެ ޕްލޭންތައް އަމިއްލަ އަތުން ތައްޔާރުކުރާށެވެ. މިކަމުގެ ސަބަބުން 200އަށް ވުރެ ގިނަ މަތިންދާބޯޓުގެ ފުރަން ހަމަޖެހިފައިވާ ވަގުތު ބައިގަޑިއިރެއްހާ އިރަށް ލަސްވެގެން ދިޔައެވެ.
ގަޑިއިރަކު ގާތްގަނޑަކަށް 60 އާއި 70 މަތިންދާބޯޓު ޖައްސާ މި ބަނދަރުގެ މަސައްކަތަށް މިކަމުގެ ސަބަބުން ބޮޑު ހީނަރުކަމެއް އައިސްފައިވެއެވެ.
ދިއްލީގެ މައި ވައިގެ ބަނދަރުގައި ދިމާވި މި މައްސަލައިގެ ސަބަބުން، އިންޑިއާގެ އެހެން ވައިގެ ބަނދަރުތަކުގެ އުދުހުންތަކަށް ވެސް ބުރޫއަރާނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާފައިވާކަން އިންޑިގޯ، ސްޕައިސްޖެޓު އަދި އެއަރ އިންޑިއާ ފަދަ އެއާލައިންތަކުން ވެސް ވަނީ ފަސިންޖަރުންނަށް އަންގައިފައެވެ.
އިއްޔެގެ ހަވީރު އެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދިއްލީގެ މައި ވައިގެ ބަނދަރުގެ އިސް އޮފިޝަލުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ދިމާވީ ކޮމްޕިއުޓަރ ވައިރަހެއްގެ ސަބަބުންތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ދުނިޔޭގެ ނުވަ ވަނައަށް އެންމެ ބާރުބޮޑު ވައިގެ ބަނދަރުގެ ގޮތުގައި ދަރަޖަކޮށްފައިވާ ތަނެކެވެ.
މި އެއާޕޯޓުން މިދިޔަ އަހަރު 78 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ.



