ބާރުގަދަ ތޫފާން ކަލްމޭގީގެ ސަބަބުން ފިލިޕީންސްއަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރުވި މީހުންގެ އަދަދު 188 އަށް އަރައިފިއެވެ.
ތޫފާން ކަލްމޭގީއަކީ ޕެސިފިކް ސަރަހައްދުގައި މި އަހަރު އުފެދުނު 25 ވަނަ ތޫފާނެވެ. މޫސުމީ މި ނިޒާމް ފުރަތަމަ އުފެދިފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކޮންވެންޝަނެއްގެ ގޮތުގައެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު ޑިޕްރެޝަނަކަށް ބަދަލުވިއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މި ނިޒާމް ބާރުގަދަ ތޫފާނަކަށް ބަދަލުވުމުން އެއަށް ކަލްމޭގީގެ ނަން ދިނެވެ.
މި ތޫފާނުގެ ސަބަބުން 127 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
މި ތޫފާން ފިލިޕީންސްއަށް އަރާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެގައުމުގެ އިދާރާތަކުން މި ތޫފާނަށް ދީފައިވާ ނަމަކީ ”ޓީނޯ“އެވެ. ފިލިޕީންސަށް އެރުމަށްފަހު ވެސް ތޫފާން ވަނީ އިތުރަށް ބާރުގަދަވެފައިވާއިރު، ގަޑިއަކު 73 މޭލާއި 114 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މަރުވި 188 މީހުންގެ ތެރެއިން ގިނަ ބަޔަކާއި، ގެއްލިގެން ހޯދަމުންދާ 127 މީހުންގެ ތެރެއިން ގިނަ ބަޔަކު ނިސްބަތްވަނީ ސީބޫ ސިޓީއަށެވެ. މީގެ އިތުރުން ތޫފާނުގެ ސަބަބުން އިމާރާތްތައް ވެއްޓި، ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ތޫފާން ކަލްމޭގީ ވަނީ ފިލިޕީންސްގެ އިތުރުން ވިއެޓްނާމަށް ވެސް އަރާފައެވެ. ވިއެޓްނާމުން މި ތޫފާނުގެ ސަބަބުން ފަސް މީހުން މަރުވެފައިވެއެވެ. މިހާރު ތޫފާން ކަލްމޭގީ ދަތުރުކުރަމުންދަނީ ކެމްބޯޑިއާ އަދި ލާގޯސްއާއި ދިމާލަށް ކަމަށް މޫސުމާބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.



