ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ މަސައްކަތްތައް އިންތިޒާމު ކުރުމާ ޙަވާލުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވެއްޖެއެވެ.
މި ވަގުތު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރިހަމަ ކޮންޓުރޯލު އޮތީ ޔަހޫދީންގެ އަތުގައެވެ. އަދި، ޣައްޒާއަށް ވައްދާނެ ތަކެތި ކަނޑައަޅައި، އެ ކަމުގެ ހުއްދަ ދޫކުރަމުން ދަނީ ވެސް ޔަހޫދީންނެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލައްވާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ޤަތުލުޢާންމު ހުއްޓައިލުމަށް ފަހު، ޔަހޫދީން ވަނީ ޣައްޒާގެ ހިސާރަށް ލުއިދިނުމަށް ފަހު، އެ ސަހަރަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.
ޔަހޫދީންގެ ސަލާމަތީ ދާއިރާގެ މަޞްދަރަކުން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ކަންކަން އިންތިޒާމު ކުރުމުގައި މިހާރު ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވަމުންދާ ކަމުގައެވެ.
އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ވޮޝިންގްޓަން ޕޯސްޓުން ބުނީ، އެ ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ)ން ކަމުގައެވެ. ސީއެމްސީސީން މިހާރު ހަވާލުވެފައިވަނީ ޣައްޒާއަށް އެހީ ވެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ހުރިހާ މަސައްކަތަކާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
އެ މަސައްކަތުގައި ޔަހޫދީން ބައިވެރިކުރި ނަމަވެސް، ޣައްޒާއަށް ވައްދާނެ އެހީއަކީ ކޮބައިކަމާއި، އެހީ އެތެރެ ކުރާނެ މިންވަރު މީގެ ފަހުން ކަނޑައަޅާނީ ސީއެމްސީސީން ކަމުގައި، އެމެރިކާގެ މަޞްދަރުތަކާ ޙަވާލާދީ ޕޯސްޓުން ރިޕޯޓު ކުރިއެވެ.
ޔަހޫދީން ފޭރިގަނެފައިވާ ޤުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ތަރުޖަމާނު ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމުގެ މަސައްކަތާ އެމެރިކާގެ އަސްކަރިއްޔާއިން ޙަވާލުވުމަކީ، ޙަމާސާއި ޔަހޫދީންނާ ދެމެދު އެކުލަވައިލާފައިވާ ”ތާރީޚީ“ އެއްބަސްވުމުގައި ހިމެނޭ ކަމެއް ކަމުގައެވެ.



