ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ އެންގޯލާގެ އަސްކަރިއްޔާ މިޒަމާނާ އެއްފެންވަރަށް ތަރައްޤީކުރުމަށްޓަކައި އިންޑިއާއިން 200 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދޭން ނިންމައިފިއެވެ.
އިންޑިއާއިން މި އެހީ އިއުލާންކުރީ އެންގޯލާގެ ރައީސް މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެންގޯލާގެ ރައީސްގެ މަޝްވަރާތަކަށްފަހު މޯދީ ވިދާޅުވީ ޓެރަރިޒަމަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވެފައިވާ ގޮންޖެހުމެއްކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި އެންގޯލާއިން އިންޑިއާއާއެކު އޮންނާނެކަން ހާމަކޮށްފައިވާތީ އެކަމަށް ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން މޯދީ ވަނީ އެފްރިކަން ޔޫނިއަންގެ ރިޔާސަތާއި އެންގޯލާއިން ހަވާލުވުމުން މަރުޙަބާ ވިދާޅުވެފައެވެ. އަދި އެފްރިކަން ޔޫނިއަންއަށް ޖީ-20 ގެ މެމްބަރުކަން ލިބުނީ އިންޑިއާއިން ޖީ-20ގެ ރިޔާސަތު ބެލެހެއްޓިއިރުކަން މޯދީ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއިން ބުނި ގޮތުގައި، އެންގޯލާގެ އަސްކަރިއްޔާ ޒަމާނީކޮށް ތަރައްޤީކުރުމަށް އިންޑިއާއިން ދިން ލައިން އޮފް ކްރެޑިޓްގެ ދަށުން އެންގޯލާއިން ހަތިޔާރު ގަންނާނީ ހަމައެކަނި އިންޑިއާއިންނެވެ.
މިހާރުވެސް އިންޑިއާގެ އަމިއްލަ އަދި ސަރުކާރުގެ ދިފާޢީ ކުންފުނިތަކާއެކު ހަތިޔާރާއި ތަކެތި ގަތުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.
އަސްކަރީ އެހީތެރިކަމުގެ އިތުރުން، އެންގޯލާގެ ރައީސްގެ މި ދަތުރުފުޅުގައި ދެޤައުމުން ވަނީ އެހެނިހެން ބައެއް ދާއިރާތަކުންވެސް ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.




