ސައުތު ޕޮލިސް ޑިވިޝަން ހިމެނޭ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ 12 ނެޓްވޯކެއް ދެނެގަނެވިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ހުވަދުއަތޮޅާއި، ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފުލުހުންގެ ދެކުނު ރީޖަންގެ މަސައްކަތްތައް ފެށިގެން އައީ މިދިޔަ އަހަރު ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ކަމަށްވާ ”ވެށި ރައްކާ” ގެ ދަށުންނެވެ. މި އޮޕަރޭޝަނަކީ ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި މަސައްކަތެކެވެ.
ފުވައްމުލަކުގައި ހަރަކާތްތެރިވި މަސްތުވާތަކެތީގެ ބޮޑު ދެ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަންގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތްތައް ހުއްޓުވައި، އަޑީގައި ތިބި ފަރާތްތައް ހައްޔަރުކުރެވުނެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ސައުތު ރީޖަން ކޮމާންޑަރ އަޙްމަދު ޝަމީމް ވިދާޅުވީ، ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަންތަކަށްފަހު މިހާރު މި އޮޕަރޭޝަން ދެކުނު ރީޖަންގެ ބާކީ 3 އަތޮޅަށްވެސް ފުޅާކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް ފުލުހުންގެ ތަހުޤީޤުން މި ސަރަހައްދުގައި ހަރަކާތްތެރިވާ މިފަދަ ނެޓްވޯކްތައް ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިހާތަނަށް ދެނެގަނެވިފައިވާ ނެޓްވޯކްތަކަށް ބަލާއިރު 12 ނެޓްވޯކަށްވުރެ ގިނަ ނެޓްވޯކް މި ދެކުނު ރީޖަންގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ލޯކަލް އިންވެސްޓިގޭޝަން ތެރެއިން އައިޑެންޓިފައި ކުރެވިފައި އެބައިން. އެފަރާތްތަކަށް އަމާޒުކޮށް ކުރާ މަސައްކަތް ކާމިޔާބީއާއި ހަމައަށް ދާނަން“ ސައުތު ރީޖަން ކޮމާންޑަރ އަޙްމަދު ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވަނީ، ފުލުހުން ކުރަމުންދާ މަސައްކަތް ދާދި އަވަހަށް ފުވައްމުލަކު ސިޓީއެކޭ އެއްފަދައިން އެހެން ރަށްރަށުންވެސް ކާމިޔާބީއާއި ހަމައަށް ވާސިލްވެ އެފަދަ ޢަމަލުތައް ހިންގާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ.
ފުވައްމުލަކު ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި މިހާރު އެ ސިޓީގައި ކުރިއަށް ގެންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުރަތަމަ ފިޔަވަހީގެ ކާމިޔާބީ އަށްފަހު މިހާރު މަސްތުވާތަކެތި ހާމަކަން ބޮޑު ގޮތެއްގައި ނުވިއްކުނު ނަމަވެސް ފޮރުވައިގެން ވިއްކާ ކަމަށާއި އެކަމުގެ އަޑީގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ފުވައްމުލަކުގައި ހިނގި އޮޕަރޭޝަންގެ ތެރެއިން 112 ފަރާތެއްގެ މައްސަލަ ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 42 ފަރާތެއްގެ ބޭންކް ސްޓޭޓްމެންޓް ބަލައި 22 ފަރާތެއްގެ ބޭންކް އެކައުންޓް މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ ފްރީޒްކޮށްފައެވެ.
މިމައްސަލައިގައި ޕީޖީ އޮފީހުން ވަނީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މިމައްސަލައިގައި ދަޢުވާ ކޮށްފައިވަނީ، އެ ސިޓީގެ ދޫޑިގަން އަވަށަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޒަމާނީގެ، ޙަސަން ޢާޒިމާއި، ކަރަންކާވިލާ، އަޙްމަދު ނިއުޝާދުގެ މައްޗަށެވެ.



