ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ.
މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓަރކޮށްފައިވާ ނަމްބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެއެވެ.
ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެއެވެ.
”ޑިޖިޓަލް ބޭންކިންގގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް. އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގގެ ޚިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް.“މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކިންގ އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިޚުތިޔާރުކުރާ ގޮތް ބަދަލުކުރެވޭނެއެވެ.
އޯޓީޕީ ޗެނަލް ވަޓްސްއެޕްއަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެއެވެ.




