ފަލަސްޠީނުގެ ޣައްޒާގައި ރައްކާތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތުމުގެ ސަބަބުން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ނުރައްކާތެރި ބަލިތަކާއި ޞިއްޙީ މައްސަލަތަކާ ހަނގުރާމަ ކުރަން ޖެހިފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އޮފިޝަލުންނާއި ޑޮކްޓަރުން ބުނެފިއެވެ.
އދގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމު (ޔޫއެންޑީޕީ)ގެ އިސް އޮފިޝަލެއް ކަމުގައިވާ އަލެސަންދްރޯ މްރާކިޗް ވިދާޅުވީ، ކުނި ނައްތައިލެވޭނެ ގޮތެއް ނެތުމަކީ ޣައްޒާގެ ރައްޔިތުންގެ ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ.
މްރާކިޗް ވިދާޅުވީ، ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޤަތުލުޢާންމެއް ފެށުމުގެ ކުރިން ވެސް ޣައްޒާގައި ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ކަމަށާއި، އެއިރު ވެސް ގިނަ ކުނިގޮނޑުތައް ފުރިފައިވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، މިހާރު ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޓްރީޓް ނުކުރެވި ހުރި ދެ މިލިޔަނެއްހާ ޓަނުގެ ކުނި އެބަހުއްޓެވެ.
ރައްކާތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތުމާ އެކު، ޣައްޒާއަށް ބޮޑެތި ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ވެސް އދ.ގެ އޮފިޝަލުން ފާހަގަ ކުރައްވައެވެ. މި ގޮތުން، ޣައްޒާގެ ފެން ފަށަލަ ތަޣައްޔަރުވެ، އެ ސަހަރުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް ކަމަށާއި، ތަޣައްޔަރުވެފައިވާ ފެން ބޭނުން ކުރަން މަޖުބޫރުވުމާ ގުޅިގެން ވެސް ޞިއްޙީ މައްސަލަތައް އިތުރުވަމުންދާ ކަމުގައި މްރާކިޗް ވިދާޅުވިއެވެ.
ޣައްޒާގައި މަސައްކަތް ކުރާ ޑޮކްޓަރުން ވެސް ދަނީ ކުނީގެ ސަބަބުން ނުރައްކާތެރި ބަލިތަކެއް ފެތުރޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެންމެ ޢާންމު އެއް ބައްޔަކީ ބޭރަށްހިންގުމާއި ގޭހުގެ މައްސަލަތައް ކަމަށާއި، މީގެ އިތުރުން ހަމުގެ ބަލިތައް ޢާންމުވަމުންދާ ކަން ޑޮކްޓަރުން ފާހަގަ ކުރިއެވެ. މި ވަގުތު އެ ސަރަޙައްދުން އެންމެ ގިނައިން ފެންނަ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑުގައި ބިއްސާއި ފޮޅު ނެގުން، އަދި އުކުނު ފަދަ ސޫފީގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ.
ޚާން ޔޫނިސްގައި މަސައްކަތް ކުރައްވާ ހަމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ސާމީ އަބޫ ޠާހާވިދާޅުވީ، ގިނަ ބަޔަކު ފޭލިގެތަކުގައި ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވުމުގެ ސަބަބުން ހަމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ގިނަ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ ކުނިގޮނޑުތައް ކައިރީގައެވެ.



