މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ ފާތިމާ ބޮޝް ހާސިލުކޮށްފިއެވެ.
ތައިލޭންޑްގައި މިއަދު ބޭއްވި 74 ވަނަ މިސް ޔުނިވާސް ހަފުލާގައި، 120 ގައުމުގެ ވާދަކުރިއިރު، މި ތާޖު ހާސިލުކުރުމުގެ ކުރިން ފާތިމާ އަށް ވަނީ މުބާރާތުގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މުބާރާތުގައި ވާދަވެރިންގެ ކުރިމަތީގައި ޖަޖުންތަކެއް އޭނާ ދަށްކޮށްލައި، މުބާރާތުން ޑިސްކޮލިފައިކޮށްފާނެކަމުގެ އިންޒާރުތަކެއް ވެސް ދިނުމާ ގުޅިގެން، ފާތިމާ ވަނީ މުބާރާތުގައި ވާދަ ނުކުރަން ވެސް ނިންމާފައެވެ.
ނަމަވެސް ފާތިމާ އަލުން މިސް ޔުނިވާސް މުބާރާތަށް އެނބުރި އައީ، އިންސާފުން އެއްކިބާވެ، ތާޖު ވަކި މީހަކަށް ދޭން ޖަޖުންތަކެއް މަސައްކަތްކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ދެ ޖަޖަކު އަމިއްލަ އަށް ވަކިވުމާ ގުޅިގެންނެވެ.

މިސް ޔުނިވާސްގެ ތާޖު ފާތިމާ އަށް ލިބުނު އިރު، މުބާރާތުގެ ދެވަނަ ހާސިލުކުރީ ތައިލޭންޑްގެ ރީތީގެ ރާނީ ޕްރަވީނަރް ސިންގްއެވެ. އަދި ތިން ވަނަ ލިބުނީ ވެނެޒްއެލާގެ ރީތީގެ ރާނީ ސްޓެފެނީ އެބަސާލީ އަށެވެ.
މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު ފާތިމާ އަށް ހަވާލުކޮށް ދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު ހޯދި ޑެންމާކްގެ ވިކްޓޯރިއާ ޖެއާއެވެ.



