އާސަންދަ ސްކީމުގެ ދަށުން އައިނު ހައްދަން ދޭ އެހީ 2000 އަށް ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން 47 މިލިޔަން ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ދޭ އެހީ 2000 ރުފިޔާއަށް ބޮޑު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވަނީ މި އަހަރުގެ މޭ މަހުގައެވެ.
އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ، އަމިއްލަ ޚިދުމަތްދޭ ފަރާތްތަކަށެވެ.
އެގޮތުން 17117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް 32.6 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ސަރުކާރުން ވަނީ ފޯރު ކޮށްދީފައެވެ.
މީގެ އިތުރަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން އައިނު ހެއްދުމަށް، 7382 މީހަކަށް 14.7 މިލިއަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ވަށައި ޖެހޭ ގޮތެއްގައި ސިއްހީ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.




