މެލޭޝިއާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ 13،782 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.
ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުގެ ޑިޒާސްޓާ އިންފޯ ސައިޓުން އެންމެ ފަހުން ނެރުނު ރިޕޯޓާ ހަވާލާދީ ނޫސް އެޖެންސީ ބެރްނާމާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު އެ މީހުން ދަނީ ވަގުތީ ރިލީފް ސެންޓަރުތަކުގައި ހިޔާވަހިކަން ހޯދަމުންނެވެ.
ފެންބޮޑުވުމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެ ގައުމުގެ ކެލަންޓަން ސްޓޭޓަށެވެ. ކެލަންޓަންގެ 9،634 މީހުން ވަނީ 38 ވަގުތީ ރިލީފް ސެންޓަރުތަކުގައި ހިޔާވަހިކަން ހޯދާފައެވެ. އަސަރުކުރި ޑިސްޓްރިކްޓްތަކުގެ ތެރޭގައި ޓޫމްޕަޓް، ބަޗޮކް، ކޮޓާ ބާރޫ އަދި ޕާސިރު ޕުޓޭ ހިމެނެއެވެ.
ދެވަނައަށް އެންމެ ގިނައިން ގެއްލުން ލިބުނު ސްޓޭޓަކީ ޕެރަކް އެވެ. ޕެރަކް ޓެންގާ، މަންޖުންގް، ލާރޫޓް، މަޓަންގް، ސެލާމާ އަދި ހިލިރު ޕެރަކް ސަރަހައްދުތަކުގައި ޖުމްލަ 1،415 މީހުން ވަނީ 20 ރިލީފް ސެންޓަރުގައި ހިޔާވަހިކަން ހޯދާފައެވެ. މީގެ އިތުރުން ޕާލިސްގައި 1،426 މީހުންނަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެނިހެން ސްޓޭޓްތަކަށް ބަލާއިރު، ކެޑާގައި އަށް ރިލީފް ސެންޓަރެއްގައި 371 މީހުންނާއި، ޕެނަންގް އިން ސެބެރަންގް ޕެރައި އުޓާރާ އާއި ސެބެރަންގް ޕެރައި ޓެންގާގެ ހަތަރު ރިލީފް ސެންޓަރުގައި 404 މީހުން ދަނީ ހިޔާވަހިކަން ހޯދަމުންނެވެ. ސެލަންގޯރުގައި 109 އާއިލާއަކުން 327 މީހުން އަށް ރިލީފް ސެންޓަރުގައި ހިޔާވަހިކަން ހޯދަމުންދާއިރު، ބެސުޓްގައި އެއް ރިލީފް ސެންޓަރުގައި 205 މީހުން ހިމެނެއެވެ.
ކެލަންޓަން ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި، ހާލަތު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އިތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ ހާލަތު ދަނީ ގާތުން މޮނިޓަރ ކުރަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް ސަލާމަތީ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި ރިސްކް ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ އަމުރުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ކޯރުތަކުގައި ނުވަތަ ކުއްލިއަކަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ކުރިއަށްދާ ހަރަކާތްތަކުން ދުރުހެލިވުމަށް ވެސް ވަނީ އަންގާފައެވެ.



