ލުބުނާނުގެ ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަަމަލުކުރަން ފެށި ފަހުން ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގެ 127 ޢާންމުން ޝަހީދުވެފައިވާ ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ބުނެފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުން، ޙިޒްބުاللهން ވަނީ ޔަހޫދީންނަށް އަމާޒުކޮށް ރޮކެޓު ޙަމަލާތައް ދޭން ފަށާފައެވެ.
އެއާއެކު އަހަރެއްހާ ދުވަސް ވަންދެން ދެ ފަރާތުން ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙިޒްބުاللهގެ އެންމެ އިސް ވެރިން ވެސް ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ އޭރުގެ އިސްވެރިޔާ، ޙަސަން ނަޞްރުالله ހިމެނެއެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ލުބުނާނަށް ކޮންމެ ދުވަހަކުހެން ޙަމަލާތައް ދެމުންނެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ.
އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާގެ ތަރުޖަމާނު، ތަމީމް އަލް ޚީތަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ އަހަރަކާ ގާތްވެފައިވާއިރު، ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޢާންމުންގެ ގިނަ ބަޔަކު ޝަހީދުވަމުންދާއިރު، ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ވެސް ޔަހޫދީން ދެމުންދެއެވެ.
ތަމީމް އަލް ޚީތަން ވަނީ އެއްބަސްވުމަށް އިޙްތިރާމު ކުރުމަށް ޔަހޫދީންނަށް ގޮވާލައްވައި، އެއްބަސްވުމާ ޚިލާފަށް ދެމުންދާ ޙަަމަލާތައް ތަހުޤީޤުކުރުމަށް ވެސް ގޮވާލައްވައިފައެވެ.
އދގެ މި އިދާރާއިން މިވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ ޢާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަން ހާމަކޮށްފައެވެ.



