ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ފަގީރުން ދިރިއުޅޭ ކޯރައިލް ސަރަޙައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަކެއް ހާސް ބަޔެއްގެ ގެދޮރު އަނދައި، ހުލިވެއްޖެއެވެ.
ނޮވެންބަރު 25ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި، އެތަކެއް ސަތޭކަ ގެއެއް ގެއްލި، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ދާކާގައި ފަގީރުން ދިރިއުޅޭ އެންމެ ބޮޑު އެއް ސަރަޙައްދު ކަމުގައިވާ ކޯރައިލްގައި 80،000އެއްހާ މީހުން ދިރިއުޅެއެވެ. މި ސަރަޙައްދުގެ ގެތަކަކީ ޓިނުޖަހައިގެން ހިޔާކޮށް، އާދައިގެ ގޮތަކަށް ބިނާ ކޮށްފައިވާ ގެތަކެކެވެ. އަލިފާނުގެ ހުޅުގަނޑު ފެތުރެން ފެށުމާ އެކު، އެތައް ހާސް ބަޔަކު ވަނީ ހިފައިގެންގުޅޭ ތަކެތި ހިފައިގެން އެ އަވަށުން ނިކުމެ، ރައްކާތެރިކަން ހޯދާފައެވެ. ދާކާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، މި ހާދިސާއާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ގެދޮރު ނެތިފައިވާ ކަމުގައެވެ.
އަލިފާންގަނޑު ކޮންޓުރޯލު ކުރުމަށް ދާކާގެ އަލިފާން ނިއްވާ އިދާރާއިން ވަނީ 19 ލޮރީ ފޮނުވާފައެވެ.
ނަމަވެސް، އަލިފާން ނިއްވާ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ތަލްހާ ބިން ޖާސިމް ވިދާޅުވީ، މަގުތަކުގައި ކާރޫބާރޫ ބޮޑުވުމާއި، އަވަށުގެ ހަނި ގޯޅިތަކުގެ ސަބަބުން އަލިފާން ރޯވެފައިވާ ސަރަޙައްދަށް ދަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގައެވެ.




