މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާން ”ސެންޔާ“އަކީ މީގެ ކުރިން ދުވަހަކު ވެސް އެ ގައުމަށް ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާ ”މެޓް މެލޭޝިއާ“ގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ހިޝާމް އަނިޕް ވިދާޅުވީ، މަލަކާ ކަނޑުގައި މިދިޔަ ހޮނިހިރު ދުވަހު އުފެދުނު އެ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާއިރު، އެއީ އެ ހިސާބަށް މީގެ ކުރިން އައިސްފައިވާ ނުވާ ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.
ޑރ. ހިޝާމް އަނިޕް ”ނިއު ސްޓްރެއިޓް ޓައިމްސް“ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ކަނޑުގައި އެންމެފަހުން އުފެދުނު ކޮޅިގަނޑުގެ އަސަރު މެލޭޝިއާގެ ޕެނަންގަށް ކުރީ 2017 ވަނަ އަހަރު ކަމަށާއި އެ ފަހަރު ވެސް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށެވެ.
ނަމަވެސް، މިފަހަރުގެ ތޫފާނުގެ ބާރު ގަދަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އިންޑޮނީޝިއާގެ ސުމަޓްރާ ކައިރިން މިހާރު މި ފެންނަ، ކޮޅިގަނޑެއް މިހާ ބާރުގަދަ ތޫފާނަކަށް ބަދަލުވާތަން މި ފެނުނީ ފުރަތަމަ ފަހަރު ކަމަށެވެ.
ޑރ. ހިޝާމް ލަފާކުރައްވާ ގޮތުގައި، މިރޭގެ ވަގުތެއްގައި އެ ތޫފާން އަރާނެ ކަމަށް ބެލެވެނީ ޕެނިސިއުލާ މެލޭޝިއާގެ ސަރަހައްދަށެވެ. އަދި އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ އެ ޕެނިސިއުލާގެ ހުޅަނގާއި މެދު ތެރޭގެ ސްޓޭޓުތަކަށެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރް ވެސް ހިމެނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތިން ދުވަހު އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން އެކަށީގެން ވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިއީ މަލަކާ ކަނޑުގައި މިހާތަނަށް އުފެދުނު ދެވަނަ ތޫފާނެވެ. ފުރަތަމަ ތޫފާން ”ވަމޭއި“ އެރީ 2001 ވަނަ އަހަރުއެވެ.
ތޫފާން ”ސެންޔާ“ ސުމަޓްރާއަށް އެރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ތޫފާނުގެ އަސަރު އިންޑޮނީޝިއާ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑަށް ކޮށްފައިވާއިރު، ފެންބޮޑުވުމުގެ ހާދިސާތަކުގައި ތައިލެންޑުން 46 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ވިއްސާރައިގެ ސަބަބުން ތައިލެންޑުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
މި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ އިންޑޮނީޝިއާއަށެވެ.
އިންޑޮނީޝިއާއިން 76 މީހަކު މަރުވެ، 74 މީހަކު ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ.




