ތޫފާން ޑިޓްވާގެ ސަބަބުން ސަބަބުން ސްރީ ލަންކާއަށް ގަދަޔަށް ވިއްސާރަކުރަމުން ދާއިރު ގައުމުގެ އެކި ހިސާބުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް އަދިވެސް އިތުރަށް ބޮޑުވަމުން ދާއިރު އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.
ލަންކާ ސިފައިން ނުކުމެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފައި ވާއިރު 34 މީހަކު ގެއްލިގެން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިޔައީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ހިސާބުތަކުން މަރުވެފައިވާ އިތުރު ބައެއްގެ ހަށިތައް ފެނުމުންނެވެ. ޑީއެމްސީން ބުނީ މަރުވި ގިނަ މީހުން މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ގޮސް، ދިރިތިއްބާ ވަޅުލެވިގެން ކަމަށެވެ.
ޑީއެމްސީން ހާމަކުރި ގޮތުގައި ގައުމުގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ބައެއް ހިސާބުތަކަށް މިދިޔަ 24 ގަޑިއިރު ތެރޭ 360 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މި ހާލަތާއި ގުޅިގެން ސިފައިން ގެންދަނީ ހެލިކޮޕްޓަރާއި ކުދި ބޯޓުތަކުގައި ގޮސް، ގަސްގަހުގެ ކުރިއަށް އަރައި ތިބި މީހުންނާއި ފުރާޅުތަކުގެ މަތިން އަދި ދުރު އަވަށްތަކުން މީހުން ސަލާމަތްކުރަމުންނެވެ.
ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން 3،000 އަށް ވުރެ ގިނަ ގެޔަށް ގެއްލުންވެފައި ވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ވެރިރަށް ކޮލަމްބޯ ކައިރީގައި އޮންނަ، އިންޑިއާ ކަނޑާ ގުޅިފައިވާ ކެލާނީ ރިވަ ވެސް އިއްޔެ ފުރިގެން ބަންޑުންވާން ފަށާފައި ވާއިރު ކޮލަމްބޯގައި ވެސް ދުވަހަކު ވެސް ފެން ބޮޑުނުވާ ވަރަށް ބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ޑީއެމްސީން ބުނީ، އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫއާ ދިމާއަށް ތޫފާނު ދަތުރުކުރަމުން ދާއިރު މާދަމާގެ ނިޔަލަށް ލަންކާއަށް ވިއްސާރަކުރާނެ ކަމަށާއި ނުރައްކާ އަދިވެސް ވަރަށް ބޮޑު ކަމަށެވެ.


