މި ސަރުކާރުން ’ރައްޔިތުންގެ މަޖިލީހުގެ ’ސުޕަރ މެޖޯރިޓީ‘ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގަ އެވެ. އަދި، މި ސަރުކާރުން ’ސުޕަރ މެޖޯރިޓީ‘ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވައި ހީނާ ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޤައުމަށް ތަރައްޤީ ގެނައުމަށް ކަމަށެވެ.
މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފާހަގަކުރެވޭ ދާއިރާއަކީ ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަކުރައްވައި ހީނާ ވަނީ ފެނަކަ އޮފީހާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ފުރުޞަތު ދެއްވާފައެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުން ވަކިވަކީން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ޑިސްކައުންޓް ދެއްވާފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ފެނަކަ އާއި ސެޓެލްކޯގެ ފަރާތުން ނޫސްވެރިންނާ ޙިއްޞާކުރެއްވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވިދާޅުވި އެވެ.



