ފެނަކަ ކޯޕަރޭޝަނުން ދޭ ޚިދުމަތްތަކުގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމްތަކެއް ހިންގާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފެނަކައިން ދޭ ޚިދުމަތްތަކުގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ، ކުންފުނީގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި، މިފަދަ ޕޭޖުތައް ހިންގުމުގައި ފެނަކައިގެ އެއްވެސް ބައިވެރިވުމެއްނެތް ކަމަށެވެ.
އަދި ކުންފުނިން އެއްވެސް އަމިއްލަ ފަރާތަކަށް ލިންކް ފޮނުވައިގެންވެސް އަދި އެފަދަ އެހެން ގޮތަކަށް ނަމަވެސް ފައިސާގެ މުއާމަލާތްތައް ނުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓްތަކުން އެކަނި ކަމަށެވެ.
ވީމާ, އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ މިފަދަ ކަންތައްތަކަށް ހުރުހާ ރައްޔިތުންވެސް ސަމާލުވެ, އެފަދަ ލިންކެއް ނުވަތަ ކޯލެއް އައިސްފިނަމަ ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމަށް ފެނަކައިން އެދިފައިވެއެވެ.



