މިއަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހު އަސާސީ ކާބޯތަކެތީގެ އަގުތައް %0.69 ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.ޅ
ސްޓެޓިސްޓިކް ބިއުރޯއިން ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) ރިޕޯޓުގައި ޢާންމު ކުރަމުންދާ އިރު، މިދިޔަ ނޮވެމްބަރު މަހުގެ ރިޕޯޓުގައިވާ ގޮތުން މައިގަނޑު ހުރިހައި ބާވަތްތަކެއްގެ އަގުތައް ވަނީ %0.69 ދަށްވެފައެވެ.
ވަކިން ޚާއްޞަކޮށް ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އޮކްޓޯބަރ މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހުގެ ތެރޭގައި %1.11 ދަށްވެފައިވެއެވެ. ނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ %0.55 އަށް އިތުރުވެފައެވެ.
ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކެއްގެ އަގުތައް ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހުގެ ތެރޭގައި %0.04 އަށް ދަށްވެފައިވާއިރު، ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް ވަނީ %0.41 އަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގުތައް %4.50 އަށް ދަށްވެ، ތަރުކާރީގެ ބާވަތްތަކުގެ އަގުތައް %0.76 އަށް ދަށަށް ގޮސްފައިވެއެވެ. ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް %0.80 އަށް ދަށްވިއިރު، ކާން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް ވަނީ %0.19 ދަށަށް ގޮސްފައެވެ.
އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތެލާއި ގޭހުގެ އަގުތައް ދަށަށް ގޮސްފައިވަނީ %0.83 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށެވެ.



