ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެ ހޮވިއްޖެއެވެ.
އެންމެ މަގުބޫލު މަންޒިލުކަމުގެ އެވޯޑު މިފަހަރުވެސް ރާއްޖެ ކާމިޔާބު ކޮށްފައިމިވަނީ ބަހްރެއިނުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާގައެވެ.
މިފަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ދިފާއުކޮށްފައެވެ. އެއީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް 6ވަނަ ފަހަރަށް އަދި ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމެވެ. މި މަގާމު ރާއްޖެއިން ހޯދާފައި މިވަނީ ދެވަނަ ފަހަރަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެއެވެ. މި އެވޯޑުދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.
ރާއްޖެއިން ކާމިޔާބުކުރި އެވޯޑުތަކާ ބެހޭގޮތުން ވިޒިޓް މޯލްޑިވްސްއިން ބުނީ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން 6 ވަނަ އަހަރު ރާއްޖެއަށް ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދީ، އެ މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ބުންޏެވެ.




