ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ތިނެއް ހިއްކުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލެ ފޭސް 3 ގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން މިހާރު ވަނީ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ޚާއްސަކޮށް ގެނައި ދެ ޑްރެޖަރު، މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައިސް، އެއްފަހަރާ ދެ ޑްރެޖަރުން މަސައްކަތް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މި މަޝްރޫއަށް ވަނީ ވަގުތީ މަޑުޖެހުމެއް އައިސްފައެވެ. މި މަޑުޖެހުމަށްފަހު، ބާކީ ހުރި ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ބޯހިޔާވެހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅެވެ.
ވީމާ މި މަސައްކަތް އަވަހަށް ނިންމައި، ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



