މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.
މި މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިގޮތުން ޕާކިންގަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ކަނޑައަޅާފައިވެއެވެ.
ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.

މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންގ ތަކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.
ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ވަގުތީ ޕާކިން ސަރަހައްދުތަކާއި އެތަންތަނުން ލިބޭ ޖާގަތައް:
° މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
° ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
° ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ
° ވިނަރެސް ސަރަހައްދު: 362 ޖާގަ
ވަގުތީ މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެއެވެ.



