ސްރީ ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ބީބީސީން މިއަދު ލަފާކޮށްފިއެވެ.
އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު މެންދުރު ފަހު ވިދާ ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 11:00 އާ ހަމަށް އެ ގައުމުގެ ދެކުނުގެ ހަތް ސަރަހައްދަކަށް ރެޓް އެލާޓް ވެސް ނެރެފައެވެ.
މި ސަރަހައްދުތަކަކީ މިދިޔަ ހަފުތާގައި ވެސް މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކެވެ.
ބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ ބުނީ، ބަންގާޅު ކަނޑުގެ ހުޅަނގަށް ދަތުރުކުރާ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
”އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވިޔަސް އަދި ނުވިޔަސް، މިއަދާއި މާދަމާ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،“ ލިއާ ބުންޏެވެ.
ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް އަނެއްކާވެސް ލަފާކޮށްފައި މިވަނީ، މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ތޫފާން ދިތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ތޫފާން ދިތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިފައިވާއިރު، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
މިއީ 2004 ވަނަ އަހަރުގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކާރިސާގައި ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެކި ގޮތޮގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގައުމުތަކުން ވަނީ ރެސްކިއު ޓީމުތައް ވެސް ލަންކާއަށް މިހާރު ފޮނުވައިފައެވެ.




