ބޯޑަރުގެ މައްސަލައަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މި ފަހުން އަރައިރުންތައް އުފެދިފައި ވަނިކޮށް، ތައިލޭންޑުން މިއަދު ކެމްބޯޑިއާ އަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށައިފިއެވެ.
ތައި ރޯޔަލް ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު ދޭން ފެށި މި ހަމަލާތަކަކީ، ކެމްބޯޑިއާ އިން ދިން ހަމަލާތަކެއްގެ ރައްދުގައި ފެށި ހަމަލާތަކެކެވެ.
ކެމްބޯޑިއާ އިން މިއަދު ދިން ހަމަލާތަކެއްގައި ތައި ސިފައިންގެ މީހަކު މަރުވެ، އަށް އޮފިސަރަކު ޒަހަމްވެފައިވާ ކަމަށް ތައި ފުލުހުން ހާމަކުރެއެވެ.
ތައިލޭންޑުން ބުނި ގޮތުގައި ވައިގެ މަގުން ކެމްބޯޑިއާ އަށް ދޭ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށެވެ. އަދި މިއީ ތައިލޭންޑްގެ ބޯޑަރުގެ ދިފާއުގައި ފެށި ހަމަލާތަކެއް ކަމަށް އެ ގައުމުން ބުނެއެވެ.
ތައި ރޯޔަލް ފުލުހުންގެ ތަރުޖަމާނު ވިންތާއީ ސުވަރީ ބުނީ، މި ހަމަލާތަކުގެ ސަބަބުން ކެމްބޯޑިއާގެ އާންމު ރައްޔިތުންނަށް އެއްވެސް ގެއްލުމަކާ ކުރިމައްޗެއް ނުވާނެ ކަމަށެވެ.
ކެމްބޯޑިއާ އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރު އަނޫތިން ޗަރްރަވިރަކުލް ވިދާޅުވީ، މިއީ ގައުމުގެ ދިފާއާ އާއި އިސްތިގުލާލަށްޓަކައި ފެށި ހަމަލާތަކެއް ކަމަށެވެ.
”ތައިލޭންޑް ބޭނުމެއް ވެސް ނޫން ބޮޑު ކުރިމަތިލަކަށް ގޮސް ސުލްހަ މަސަލަސްކަން ގެއްލޭކަށް. އެކަމަކު ހާލަތު މިހާރު އޮތް ގޮތުން އެބަޖެހޭ ދިފާއަށްޓަކައި ނުކުންނަން.“ ބޮޑު ވަޒީރު ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި ބޯޑަރުގެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ ފަސް ދުވަހުގެ ހަނގުރާމައެއް ހިނގާފައެވެ. އެ ހަނގުރާމައިގައި 48 މީހަކު މަރުވެ، 300،000 އަށް ވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފައިވެއެވެ.




