ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ“ ގެ ދެވަނަ ދައުރު އިފުތިތާޙުކުރުމަށް ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ބޭއްި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގަ އެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެމައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގަ އެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވި އެވެ. ހަމަ އެއާއެކު އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ޤާބިލުކަން އިތުރުވި ވަރަކަށް މުޖުތަމަޢުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ޙައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވި އެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ’މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ‘ ”ސްޕެޝަލް އިނައުގުރަލް އިޝޫ“ ފޮތްވެސް އިފުތިތާޙުކޮށްދެއްވާފަ އެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.
މި ޙަފުލާގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފައި ވެއެވެ. އަލްމަރުޙޫމް މުޙައްމަދު ޒިޔާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.



