މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައި، އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 70 މުވައްޒަފަކަށް ރޭގައި އެވޯޑް ދީފިއެވެ.
މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އިތުރުން، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވެސް ވަނީ އެވޯޑް ދީފައެވެ.
ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހެމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕަރސަން ޝަމްހޫޒާ އަހްމަދާއި، އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުޙައްމަދުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
މި އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށްވަނީ ރިކޮގްނިޝަން އެވޯޑް ދެވިފައެވެ.

މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވާރޑް، ޗެއާރމަންސް އެވޯރޑް ފޯރ އެކްސެލެންސް ހާސިލު ކޮށްފައިވަނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރ ހަސަން ޝަފީގެވެ. މިއެވޯޑް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވާރޑްއެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ އަބްދުލް މަތީން ވިދާޅުވީ، މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަނީ ފަހަގަކޮށްފައެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ހަމަމިއާއެކު، ފެނާއި ނަރުދާމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާއި ގުޅިފައިވާ އަސާސީ ޚިދުމަތަކަވުމުން، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނިތި ފޯރުކޮށްދިނުމަށް، ޒަމާނީ އައު ޓެކްނޮލޮޖީއާއި ވަޞީލަތްތައް އިތުރުކޮށް، ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމާފައިވާކަމާއި، ސަރުކާރުން އެ ކުންފުންޏާއި އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާކަމުގައި ވިދާލުވިއެވެ.
އެމް.ޑަބްލިއު.އެސް.ސީ އަކީ މިއަދު 100% ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމުން، މުވައްޒަފުންގެ ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ. އެމް.ޑަބްލިޔު.އެސް.ސީއިން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރަމުންނެވެ.


