ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް 1 އިން، ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ޗައިނާ އީސްޓަން އެއާލައިންސަށް ހިދުމަތްދޭން ފަށައިފިއެވެ.
މި ހިދުމަތް އެ އެއާލައިނަށް ދިނުން ފާހަގަ ކުރުމަށް މިއަދު ވީއައިއޭގެ ޓާމިނަލް 1 ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަން ހުއާ އެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަ ޗައިނާ އީސްޓަން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރ ލީޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ފަޔާޒްގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓަން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާވެސް ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ޗައިނާ އީސްޓަން އެއާލައިންގެ ފުރަތަމަ ފްލައިޓް އެމް.ޔޫ 235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޗައިނާ އީސްޓަން އެއާލައިނަކީ ޗައިނާގެ އެންމެ ބޮޑު 3 އެއާލައިންގެ ތެރެއިން އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 28 އޭޕްރިލް 2007 ގައެވެ.



