މަދިރިން ރައްކާތެރިކުރުމަށްޓަކައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޮގް ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިދުވަސްކޮޅު މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަދިރި ގިނަވެ، އާލާވަމުން ދެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވެސް ތަކުލީފުތަކަކާ ކުރިމަތިވެ، ”ބޭސް ޖަހަން“ ނުވަތަ ފޮގް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މަދިރީގެ ސަބަބުން ނުރައްކާތެރި ބަލިތައް ވެސް ފެތުރިދާނެކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ވަނީ ފާޅުކޮށްފައެވެ.
އެޗްޑީސީން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ފަތިހު ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ހުޅުމާލޭގެ އިތުރު ސަރަހައްދުތައްވެސް ފޮގް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.



