މިސަރުކާރުން ގައުމުތަކުގެ ސަފީރުކަމާއި މަންދޫބުންނަށް އައްޔަން ކުރަން ފޮނުވި ނަންތަކުގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހަމައްދު މުއިއްޒު ސަފީރުކަމަށް ނަންފޮނުއްވި 6 ބޭފުޅަކަށާއި މަންދޫބުކަމަށް އައްޔަންކުރަން ނަން ފޮނުއްވި 3 ބޭފުޅަކަށް ރުހުން ދެއްވާފަ އެވެ.
މަންދޫބުންގެ ގޮތުގައި ނަން ފާސްކޮށްފައިވަނީ އދ އާއި ޔޫރަޕިއަން ޔޫނިއަންގެ އޮފީސްތަކަށެެވެ. އެގޮތުން، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރުގެ ނަން ފާސްވެފައިވަނީ 39 މެމްބަރުން ރުހުމާއެކުގައެވެ. އަދި، ޖެނީވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދުގެ ނަން ފާސްވީ 40 މެމްބަރުންގެ ވޯޓުންނެވެ. މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ މަންދޫބަކަށް ގީލާ އަލީގެ ނަން ފާސްވީ 40 މެމްބަރުންގެ ވޯޓުންނެވެ.
މިއަދުގެ ޖަލްސާގައި، 6 ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ރުހުންދޭންވެސް ފާސްކުރ އެވެ. އެގޮތުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް(މުންދު)، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މައްސޫދު އިމާދް، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ލުވައިޒް، މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދުގެ އިތުރުން ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީގެ ނަން ވަނީ ފާސްކޮށްފަ އެވެ.
ސަފީރުންނާއި މަންދޫބުންނަށް ރުހުން ދީފައި މިވަނީ، ގިނަ ދުވަހު ކޮމިޓީ މަރުހަލާތަކުގައި މައްސަލަތައް މަޑުޖެހުމަށްފަހުގައެވެ. ރުހުންނުދީ ލަސްކުރަމުންދާ މައްސަލައިގައި ރައީސް ޑރ. މުހަމައްދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީއަށް ނިންބަތްވާ ބޭފުޅުން ފާޑިކިޔުއްވާފައި ވެއެވެ.


