އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ވަނީ ނިންމަވާފަ އެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށްވެސް އިއްޔެ ވަނީ ނިންމަވާފަ އެވެ.
ހަމަ އެއާއެކު އެކިއެކި ފަންނީ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ޚާއްޞަ ’ޕޭ ސްޓްރަކްޗަރ‘ އެއް އެކުލަވާލުމަށްވެސް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ ’ހައިލީ ޓެކްނިކަލް ފީލްޑްތަކަށް‘ ޚާއްޞަކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެއެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަންވެސް ހިމެނެއެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސަރިވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސަރިވިސްއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވަނީ ނިންމަވާފަ އެވެ.




