ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ)ގެ މެންބަރުކަމަށް ފާތިމަތު ހަބީބާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ވަނީ ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެތެރެއިން، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ރުހުންދޭން ފެންނަކަމަށް،އެކޮމިޓީން ނިންމި ދެ ނަމަކަށް ވޯޓަށް އަހާފައެވެ.
އެގޮތުން، ލިސްޓުގެ ކުރީގައި އޮތް އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން އޭނާ އައްޔަނު ކުރުމަށް ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވުމުން އޭނާގެ ނަން ފާހެއް ނުވި އެވެ. ހަސީބުގެ ނަން ފާސް ނުވުމުން ދެވަނަޔަށް ވޯޓަށް އެހީ ފާތިމަތު ހަބީބާ އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ރުހުން ދިނުމަށެވެ. ހަބީބާގެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ.
2010 ވަނަ އަހަރުން ފެށިގެން ހަބީބާ ވަނީ ސީއެސްސީގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރައްވަނީ އެކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތުމަތު އާމިރާގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.



