އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން، އުމުރުން 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކުރާ ބިލެއް އިއްޔެ ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރީ ސެންޓްރިސްޓް ނުވަތަ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ ކަމަށް ބުނާ އޯވީޕީ، އެސްޕީއޯ އަދި ނިއޯސް ޕާޓީގެ ކޯލިޝަނުންނެވެ.
އެ ކޯލިޝަނުން ބުނެފައި ވަނީ މިއީ ޖިންސީ ހަމަހަމަކަން ގާއިމުކުރުމަށް ފާސްކުރި ބިލެއް ކަމަށާއި، އަންހެން ކުދިންނަށް މިނިވަންކަން ދީ، އެ ކުދިން ބާރުވެރިކުރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
ލިބަރަލް ނިއޯސް ޕާޓީގެ ޕާލަމެންޓް ލީޑަރު ޔާނިކް ޝެޓީ ވިދާޅުވީ، މިއީ އެއްވެސް ދީނަކާ ދެކޮޅަށް އަޅާ ފިޔަވަޅެއް ނޫން ކަމަށެވެ. އަދި މި ގާނޫނުން އަސަރުކުރާނީ ގާތްގަނޑަކަށް 12،000 ދަރިވަރުންނަށް ކަމަށެވެ.
ފާސްކުރި ގާނޫނުގައިވާ ގޮތުން، ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތަކުގައި ވެސް އުމުރުން 14 އަހަރުން ދަށުގެ ކުދިން ތިބެން ޖެހޭނީ ބުރުގާ ނާޅައެވެ. މީގެ ތެރޭގައި އާންމު ހިޖާބާއި މޫނުބުރުގާ ވެސް ހިމެނެއެވެ. މި ގާނޫނާ ހިލާފުވާ ދަރިވަރުންގެ ގާނޫނީ ބެލެނިވެރިން ނުވަތަ މައިންބަފައިން 1،000 ޑޮލަރާ ހަމަޔަށް ޖޫރިމަނާކުރާނެއެވެ. އަދި ގާނޫނާ ހިލާފުވެއްޖެ ނަމަ، އެ ދަރިވަރަކު ބެލެނިވެރިންނާ އެކު ސްކޫލުގެ ވެރިންނާ ބައްދަލުކުރަން ޖެހޭނެ ކަމަށާއި، އެކަން ބަދަލު ނުކޮށްފި ނަމަ ޗައިލްޑް އެންޑް ޔޫތު ވެލްފެއާ އޭޖެންސީއަށް އެކަން އަންގަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ގާނޫނުއަސާސީއާ ހިލާފް ބިލެއް ކަމަށް އިދިކޮޅު ގްރީންސް ޕާޓީގެ ސިގްރިޑް މޯރާ ވިދާޅުވިއިރު، އޮސްޓްރޭލިއާގެ އިސްލާމިކް ކޮމިއުނިޓީ އައިޖީޖީއޯ އިން ބުނީ މިއީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މުޖުތަމައު ބައިބައިކޮށްލާނެ ނިންމުމެއް ކަމަށެވެ.
މީގެ ކުރިން 2010 ވަނަ އަހަރު ވެސް، އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުން ބުރުގާ އެޅުން މަނާކޮށް ބިލެއް ފާސްކުރި ނަމަވެސް، އެ ބިލް ދުސްތޫރީ ކޯޓުން ބާތިލްކުރި އެވެ. އެއީ ގާނޫނުއަސާސީގައި ވަކި ދީނަކަށް އިސްކަން ދިނުން ނުވަތަ ތަފާތުކުރުމެއް ގެންގުޅުން މަނާކޮށްފައި އޮންނާތީއެވެ.
އިދިކޮޅު ހަރުކަށި ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާ (އެފްޕީއޯ) އިން ވަނީ މި ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ. އެ ޕާޓީން ބުނީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި، ހުރިހާ އުމުރެއްގެ ދަރިވަރުން ހިމެނޭ ގޮތަށް ހުރިހާ ސްކޫލަކަށް އަދި އާންމު ތަންތަނުގައި ވެސް މިގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.
މި ބިލު ފާސްކުރުމުން، އޮސްޓްރޭލިއާގެ މުސްލިމް ކޮމިއުނިޓީގެ ހައްގުތަކާއި ދީނީ މިނިވަންކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ އިރު، މިކަމާ ގުޅިގެން ދުސްތޫރީ މައްސަލަތައް އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.



