ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިއަދު ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުޢިއްޒު މިއަދު ދުވާފަރަށް ކުރައްވާފައިވާ މި ދަތުރުފުޅުގައި އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާ ދެއްވުމުގެ އިތުރުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާތާ ގުޅިގެން މިރޭ ދުވާފަރުގައި ބާއްވާ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.



