މޮރޮކޯގެ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސާފީ ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 37 މީހުން މަރުވެއްޖެއެވެ.
އާދީއްތަ ދުވަހު އެ ޕްރޮވިންސަށް ވެހުނު ބޯ ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އެސްއެންއާރްޓީ ނިއުސް އިން ހާމަކުރި ގޮތުގައި، މި ވިއްސާރައާ ގުޅިގެން 14 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
މޮރޮކޯގެ ވެރިރަށް ރަބާތުއާ ދެކުނުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ސާފީއަށް ކުރި މި ވިއްސާރައިގައި އެ ޕްރޮވިންސްގެ 70 ގެއަކާއި ވިޔަފާރިއަކަށް ގެއްލުންވެފައިވެއެވެ. ކަމާ ގުޅުން ހުރި އިދާރާތަކުން ބުނީ، ދުވަސްވީ ގަދީމީ އެ ސިޓީގައި ފެންބޮޑުވެ ގެއްލުންވެފައި ވަނީ ހުއްޓުމެއް ނެތި އެއް ގަޑިއިރު ވަންދެން ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ކަމަށެެވެ. މި ވިއްސާރައިގެ ސަބަބުން ސާފީ އާއި ހަރާރާ ގުޅުވައިދޭ ޕްރޮވިންޝަލް ރޯޑް 2300 އަށް އަސަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސާފީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މީހުން ހޯދުމާއި ސަލާމަތް ކުރުމަށް ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އަދި ގެއްލުންވި ސަރަހައްދުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން އެ ޕްރޮވިންސްގެ ޕްރޮވިންޝަނަލް ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް އެޑިއުކޭޝަން އިން އެ ސަރަހައްދުގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މޮރޮކޯއަށް ކުރިއަށް އޮތީވެސް ވިއްސާރަ ދުވަސްތަކަކަށްވާއިރު، މީހުން ހޯދުމަށް ކުރަމުންދާ ރެސްކިއު އޮޕަރޭޝަނަށް ހުރަސް އެޅި އިތުރު ބަޔަކަށް ގެއްލުންވުމުގެ ފުރުސަތު އެބަ އޮތެެވެ.
މޮރޮކޯއަށް މީގެ ކުރިން ކުރި ބޯ ވިއްސާރައިގައިވެސް ވަނީ ގިނަ އަދަދެއްގެ މީހުން މަރުވެފައެވެ.



