ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަސައްކަތުގެ 50 އިންސައްތަ، މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްއޭސީއެލްއިން ނިންމާލައިފިއެވެ.
މިކަން ހާމަކުރަމުން އެމްއޭސީއެލްއިން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަޝްރޫޢުއިން 50 އިންސައްތައިގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެއީ ބިންހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ކަމަށެވެ.
މި މަސައްކަތުގެ ދަށުން މިހާރު އެ ސަރަހައްދުން ކަނޑުގެ ފުން ސަރަހައްދުގެ ބޮޑު ބައި މިހާރު ހިއްކާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތިލަ ސަރަހައްދު ހިއްކުން ކަމުގައި ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ހަލުވި ސްޕީޑުގައި މި މަސައްކަތް ކުރިއަށްދާ ކަމަށާއި ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން ވެސް އެމްއޭސީއެލް އިން ވަނީ ދީފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމަށް އެމްއޭސީއެލް އިން ބިން ހިއްކުމާ ހަވާލުވެފައިވަނީ ރަސްމާލެއާއި ހުޅުމާލެ ފޭސް 3 ގެއެވެ.



