ސައުދީ އަރަބިއާގެ އެމްބަސީ ހިންގާ އިމާރާތުގެ ފުރާޅު މައްޗަށް އެރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި މަޖިލީހަށް ހާޒިރު ކުރުމުން ބުނީ، އެއީ އެމްބަސީއެއްކަން ނޭނގޭ ކަމަށާއި އެފަދަ ނިޝާނެއް ވެސް އެ ތަނުގައި ހުރި ކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް އެ ތަނުގައި ސައުދީ އަރަބިއާގެ ދިދައެއް ނަގާފައި ހުރެއެވެ.
އޭނާ އިތުރަށް ބުނީ، ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް އޭނާ އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނަގާލަން ކަމަށެވެ.
ނަމަވެސް، އެ ތަނަށް ފުރާޅުމައްޗަށް އެރިތާ 10 މިނެޓްގެ ތެރޭގައި ފައިބާފައިވާނެ ކަމަށާއި އެއީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސް ކުރެވިގެން ކަމަށް ވެސް ބުންޏެވެ.
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާ ތަހުގީގުގެ ބޭނުމަށް ފަސް ދުވަސް ވަންދެން ބަންދުކުރަން ގާޒީ ވަނީ އަމުރު ކުރައްވައިފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ސައުދީ އެމްބަސީ އަށް އޭނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައެވެ.
ސައުދީ އެމްބަސީ މިހާރު ހިނގަމުންދަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ޖެހިގެން ހުންނަ އެމްޓީސީސީ ސޯމިލްގަ އެވެ. މީގެ ކުރިން ފޮރިން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލް ވެސް އެ ތަނުގައި ހިންގިއެވެ.



