ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ބޮޑު އަގުގައި އެ ވިއްކުމުގެ ވިޔަފާރިކުރާ ތިން ބިދޭސީއަކު ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރަމުން ގެންދިޔުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން ބުންޏެވެ.


