ވެމްކޯ މުވައްޒަފުންގެ ޤުރްއާން ކްލާސް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މިއީ ވެމްކޯގެ މެނޭޖްމަންޓުން އެ ކުންފުނީގެ މުވައްޒަފުންނަށްޓަކައި ހިންގުމަށް ނިންމާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
ވެމްކޯ މުވައްޒަފުންގެ ޤުރްއާން ކްލާސް އިފްތިތާހު ކޮށްދެއްވީ، މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ.
ވެމްކޯއިން އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ވަނީ ”ދަސްރެސް“ ގެ ނަމުގައި މަހާސިންތާއެއް މިމަހުގެ 13 ވަނަ ދުވަހު ފަށާފައެވެ.
އެ މަހާސިންތާއަކީ ވެމްކޯގެ ސީނިއަރ ލެވެލްއަށްވުރެ މަތީ މަގާމުތަކުގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ.
ވެމްކޯއިން ބުނީ، އެ ކުންފުނީގެ ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުމާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މަސައްކަތްތަކަށް މުވައްޒަފުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އެ މަހާސިންތާގައި ބައިވެރިވީ ވެމްކޯގެ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ސަރަހައްދުގައި މަސައްކަތް ކުރާ ސީނިއަރ ލެވެލްގެ އޮފިސަރުން ކަމަށެވެ.



